ގޭންގް ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް، ގޭންގް ކުށްތައް މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްވެފައިވަނީ 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ޙުސައިން ހުށަހެޅުއްވި މި ބިލު، މަޖިލީހުން ވަނީ 42 މެންބަރުންގެ ތާއީދާއެކު ބަލައިގަނެފައެވެ. އެއަށްފަހު، ބިލު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި، ކޮމިޓީގެ ދިރާސާ ރިޕޯޓަށް މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ބަހުސްކޮށްފައެވެ.
މި ބިލުގައި ގޭންގު ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތަކުގެ ތެރޭގައި:
- ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށަށް 25 އަހަރުގެ ޖަލު ހުކުމަކާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާ
- ގޭންގަކަށް މީހުން ހޯދުމުގެ ކުށަށް 20 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާ
- ގޭންގެއްގައި ބައިވެރިވުމުގެ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާ
މީގެއިތުރުން، ބިލުގައި ގޭންގަކަށް ނިސްބަތްވާ މީހުން ކަނޑައެޅުމުގެ މިންގަނޑުތަކާއި، ގޭންގު ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައްވެސް ހިމަނާފައިވެއެވެ.
މި ބިލު ފާސްވުމާއެކު، ރާއްޖޭގައި ގޭންގް މަރާމާރީއާއި، ގޭންގްތައް ނެތިކޮށް އަމާން ވެއްޓެއް ޤާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

