އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، އުމްރާ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އަސްކޮއި ޖަމާއަތް ވަނީ 130،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
މި މައްސަލައަކީ މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިއުމަށް އަސްކޮއި ގުރޫޕަށް ފައިސާ ދެއްކި ހަ މީހަކު އުމްރާއަށް ނުގެންދެވޭނެ ކަމަށް އެ ގުރޫޕުން އެންގުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. މި ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000 ރުފިޔާގެ ރޭޓުން ޖުމްލަ 252،000 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ނޫސްވެރިންނާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވި ގޮތުގައި، މި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިނިސްޓްރީގެ ކަމާ ބެހޭ ޔުނިޓުން ވަނީ މައްސަލަ ބަލައި ތަހުގީގު ކޮށްފައެވެ.
މިނިސްޓްރީން އަންގާފައިވާ ގޮތުގައި، ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 130،000 ރުފިޔާ ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ އުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ފައިސާ އަނބުރާ ރައްދުކުރުމަށްވެސް އަސްކޮއި ޖަމާއަތަށް އަންގާފައިވެއެވެ.

