ކެންސަރަށް ބޭނުން ކުރާ ފޭކް ބޭހެއް ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިކަން އެންގީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ގެ ފޭކް ތިން ބެޗެއް އިރާނާއި ތުރުކީގައި ދައުރުވަމުންދާކަމަށް އެލާޓް ކުރުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެމްއެފްޑީއޭ އިން ހެދި ތަހުގީގުގައި، މި ބޭހުގެ ފޭކް އެއްވެސް ބެޗެއް ރާއްޖެއަށް އިމްޕޯޓް ކޮށްފައި ނުވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެމްއެފްޑީއޭ އިން ބުނީ މި ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެއަށް މި ބޭސް އެތެރެކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ. މިގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ޕޯޓްތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭ އިން ވަނީ ހާމަކޮށްފައެވެ.
ކެންސަރު ފަދަ ނުރައްކާތެރި ބައްޔަކަށް ބޭނުންކުރާ ބޭހެއްގެ ފޭކް ވަރޝަން ދައުރުވުމަކީ ބޮޑު ނުރައްކަލެއް ކަމަށްވާތީ، މިކަމުގައި ރައްޔިތުން ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ

