ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަ މީހަކު ހައްޔަރުކޮށް، ދެ ކިލޯއާ ގާތްކުރާ މިންވަރެއްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ފުލުހުން މިރޭ ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ހަތް ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި
- ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން އަލީ،
- ޅ. ކުރެންދޫ / މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ)،
- ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު (26އ)،
- ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ)،
- ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ)
- އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) ހިމެނެއެވެ.
އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، “މޫންޝައިން” ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮ ހިމެނެއެވެ. މީގެއިތުރުން، 90،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާއާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން ހަ މޯބައިލް ފޯނާއި ދެ ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެެވެ.

