ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ރަސްމީ ދަތުރުފުޅެއްގައި ހަވާއީއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގައެވެ.
ހޮނަލޫލޫގައި މި މަހުގެ 18 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޚާއްޞަ މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޕްރޮގްރާމްގެ ތެރޭގައި ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވެއެވެ.
ދިވެހިރާއްޖެއިން މި ޕްރޮގްރާމްގައި ބައިވެރިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓަށް ބޭނުންވާ 33 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމުގެ އަމާޒާ ގުޅިގެންނެވެ. މި އަމާޒަށް ވާސިލުވުމަށް މިހާރުވެސް ވަނީ 68 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކޮށްފައެވެ.
މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ މި ޕްރޮގްރާމް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ 4 ވަނަ ފަހަރެވެ.

