މުސްލިމުންގެ ދިރިއުޅުމަކީ ވަކި އުސޫލުތަކަކާއި ހަމަތަކަކާ އެއްގޮތަށް ތަރުތީބުކުރެވިފައިވާ ކަމެކެވެ. މި ނަންގަނެވުނު އުސޫލުތަކާއި ހަމަތަކަކީ، މީސްތަކުން އުފެއްދެވި، އެބައިމީހުންގެ ވެރިރަސްކަލާނގެކަމުގައިވާ اللَّهُގެ ޙަޟުރަތުން މީސްތަކުންގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ކަނޑައަޅުއްވާފައިވާ ހަމަތަކާއި އުސޫލުތަކެކެވެ. އެ ކަންތައްތައް މީސްތަކުންނަށް އެނގި އޮޅުންފިލުންވަނީ، ކީރިތި ޤުރްއާނާއި، اللَّهُގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުންނެވެ.
އެ އެއްޗެއް ކައި ބޮއިހެދުމާއި، ބޭނުންކުރުމުގައި އެއީ، ޙަލާލު ހުއްދަ އެއްޗެއްކަން ކަށަވަރުނުވާ އެއްޗެއް ކައިބޮއި ހެދުމާއި އެފަދަ ތަކެތީގެ ބޭނުންކުރުމަކީ މުސްލިމުންނަށް ނަހީކުރައްވާފައިވާ ކަމެކެވެ. ވަކިން ޚާއްޞަކޮށް މިޒަމާނުގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން، މި ކަމުގެ މުހިއްމުކަން ބޮޑުވެފައިވެއެވެ. މި ޒަމާނަކީ ކެއުން ބުއިމުގައި ޙަލާލެއް ޙަރާމެއް ބަލައިލުމެއްނެތި، އެ މީހަކު އަތުޖެހުނު ކޮންމެ އެއްޗެއް ކައިބޮއިހެދުމަށް ގިނަބަޔަކު ފަސްނުޖެހޭ ޒަމާނެކެވެ. މީގެތެރޭގައި މުސްލިމުނޫން ޤައުމުތަކުގައި އުފައްދާފައިހުންނަ ކާބޯތަކެތީގެ ބާވަތްތައް ކަމުގައިވިއަސް، ނުވަތަ އެކިއެކި ގޮތްގޮތުން މީސްމީހުން ލިބިގަންނަ މާލީ މަންފާތައްކަމުގައިވިއަސް ތަފާތެއްނުވެއެވެ. އެއީ، ޙަލާލު އެއްޗެއްކަން ކަށަވަރުނުވާ އެއްޗެއްގެ އެއްވެސް ގޮތަކުން ބޭނުންކުރުމަކީ މުސްލިމަކަށް ހުއްދަވެގެންވާނެކަމެއްނޫނެވެ.
އެ އެއްޗަކީ ޙަލާލުއެއްޗެއްކަން ކަށަވަރުނުވާއެއްޗެއް ބޭނުންކުރުން ނަހީކުރެއްވުމުގެ ބޭނުމަކީ މީސްތަކުންގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެބައިމީހުންނަށް ކަށަވަރުކޮށްދެއްވުމެވެ. ދުނިޔެއާއި އާޚިރަތުގައި ލިބުން އެކަށީގެންވާ ގެއްލުންތަކުން މުސްލިމުންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިދެއްވުމެވެ. އެހެންކަމާއެކު އެއީ، ޙަލާލު ހުއްދަ އެއްޗެއް ނުވަތަ ޙަލާލު ހުއްދަ ކަމެއްކަމާމެދު ޝައްކުއުފެދުން އެކަށީގެންވާ ކަންކަމުން އެއްކިބާވެ ދުރުހެލިވުމަށް އިރުޝާދު ދެއްވައި ވަރަށް ފުރިހަމަ މިސާލަކުން ރަސޫލުاللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެ ކަންތައް ބަޔާންކުރައްވައި އޮޅުންފިލުއްވައި ދެއްވާފައިވެއެވެ.
އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ބަޝީރުގެފާނުގެ ދަރިކަލުން އައްނުޢުމާނުގެ އަރިހުން އަލްއިމާޟުލްބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
މާނައީ: [އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ބަޝީރުގެފާނުގެ ދަރިކަލުން އައްނުޢުމާނު ވިދާޅުވިއެވެ. ރަސޫލުاللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީތީ ތިމަންނާ އަޑުއެއްސެވީމެވެ. ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ޙަލާލުކަންތައްތައް ވަނީ ބަޔާންވެ އެނގިގެންނެވެ. އަދި ހަމަކަށަވަރުން، ޙަރާމު ކަންތައްތައް ވެސް ވަނީ، ބަޔާންވެ އެނގިގެންނެވެ. (އެބަހީ: ކީރިތި ޤުރްއާނާއި، މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައި ވަނީ، ޙަލާލު ކަންކަމާއި ޙަރާމު ކަންކަން ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.) އަދި އެ ދެމެދުގައި (ދީނުގެ ޙުކުމްތައް ރަނގަޅަށް ނުދަންނަ ބަޔަކަށް އެއީ ޙަލާލުކަމެއްތޯ ނުވަތަ ޙަރާމުކަމެއްތޯ ދެނެގަތުމުގައި) ޝައްކުވާފަދަ ކަންތައްތަކެއްވެއެވެ. މީސްތަކުންކުރެ ގިނަބަޔަކަށް އެ ކަންކަމެއް ނޭނގެއެވެ.
ފަހެ، ޝައްކުއުފެދޭ، ޝުބުހަ ކަންކަމާ ދުރުހެލިވެއްޖެ މީހާ (ދަންނާށެވެ!) އޭނާ، އޭނާގެ އަމިއްލަ ނަފުސާއި، އޭނާގެ ދީނަށްޓަކައި ރައްކައުތެރިކަން ލިބިގެންފިއެވެ. އަދި ޝުބުހަ ކަންކަމުގެތެރެއަށް ވަދެއްޖެ މީހާ (ދަންނާށެވެ!) އޭނާ ޙަރާމުކަމެއްގެ ތެރެއަށް ވަދެގެންފިއެވެ. އެއީ، މީހެއްގެ (ދަނޑުބިމެއްގެ) އިމުގެ ކައިރީގައި ބަކަރި ހުއިހައްޕާ މީހަކު ފަދައިންނެވެ. އޭނާގެ ބަކަރިތައް، އެ، އިން ވަކިކޮށްފައިވާ ސަރަޙައްދަށްވަދެ، ހުއިހެފުމަކީ ގާތްކަމެކެވެ. ދަންނާށެވެ! ކޮންމެ ރަސްކަލަކަށް ވެސް އެ ރަސްގެފާނަށް ޚާއްޞަވެގެންވާ އިމެއް ވެއެވެ. އަދި ދަންނާށެވެ! اللَّهُގެ އިމަކީ، އެކަލާނގެ ޙަރާމުކުރެއްވި ކަންކަމެވެ. ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ (މަސްކޮޅު) ޞުލްޙަވެ ރަނގަޅުވެއްޖެނަމަ، މުޅިހަށިގަނޑު ރަނގަޅުވެދެއެވެ. އަދި އެ (މަސްކޮޅު) ފާސިދުވެ ނުބައިވެއްޖެނަމަ، މުޅިހަށިގަނޑު ފާސިދުވެ ނުބައިވެދެއެވެ. ދަންނާށެވެ! އެއީ ހިތެވެ.}
މިފަދަ އެހެން ޙަދީޘެއް އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢަލީގެފާނުގެ ދަރިކަލުން އަލްޙަސަނުގެފާނުގެ އަރިހުން ޞައްޙަ ސަނަދަކުން އަލްއިމާމުއްތިރްމިޛީއާއި، އަލްއިމާމުލްޙާކިމާއި، އެހެންބައެއް ބޭކަލުން ރިވާކުރައްވާފައިވެއެވެ. އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢަލީގެފާނުގެ ދަރިކަލުން އަލްޙަސަނުގެފާނު ވިދާޅުވިއެވެ. ރަސޫލު اللَهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީތީ ތިމަންނާ އަޑުއެއްސެވީމެވެ. ޙަދީޘްކުރެއްވިއެވެ.
ކަންކަމުގައި ތިބާއަށް ޝައްކުވާ ކަންތައްތައް ދޫކޮށްލައި، ޝައްކުނުވާ ކަންކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ތެދުވެރިކަމަކީ، ހިތްހަމަޖެހުމެކެވެ. އަދި ދޮގަކީ ޝައްކުއުފެދޭ ކަމެކެވެ.
ވަރަށްގިނަފަހަރަށް ދިރިއުޅުމުގައި މެދުވެރިވާ ކަންކަމުގައި ޝައްކު އުފެދޭތަން އާދެއެވެ. ދީނީގޮތުން ފުރިހަމަ ޢިލްމު ލިބިގެންނުވާ ބަޔަކަށް އެ އެއްޗަކީ ނުވަތަ އެ ކަމަކީ ދީނުގައި ހުއްދަ އެއްޗެއްކަން ނުވަތަ ހުއްދަ ކަމެއްކަން ދެނެގަތުމުގައި ޝައްކުވާފަދަ ޙާލަތްތައް މެދުވެރިވުމަކީ ޢާއްމުކަމެކެވެ. ފުރިހަމަ މުސްލިމުންގެ ގޮތަކީ އެއީ ހުއްދައެއްޗެއްކަން ނުވަތަ ހުއްދަ ކަމެއްކަން ކަށަވަރުނުވާ ކޮންމެއެއްޗަކާއި ކަމަކުން ދުރުވެ ރައްކާތެރިވުމެވެ.
އެއީ، އިސްވެ ބަޔާންވެފައިވާ ޙަދީޘުގައި އިރްޝާދުދެއްވާފައިވާ ގޮތުގެމަތިންނެވެ. ޙަލާލުކަމެއްކަން ކަށަވަރުނުވާ ކަމެއްގެތެރެއަށް ވަންނަން ވެއްޖެނަމަ، މާނައަކީ އެފަދަ އެއްޗެއްގެ ބޭނުންކުރަންވެއްޖެނަމަ ގިނަ ފަހަރަށް އޮންނާނީ اللَّهُގެ އިންތައް ފަހަނަޅައި ދެވިފައެވެ. اللَّهُ ޙަރާމްކުރެއްވި ކަމެއްގެތެރެއަށް ވަދެވިފައެވެ.
(ލިޔުނީ؛ އަޙްމަދު ފާރޫޤް މުޙައްމަދު / ލިޔުންތެރިންގެގުޅުން)

