ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަކީ ޔޫރިނަރީ ސިސްޓަމްގައި ހުންނަ ބެކްޓީރިއަލް އިންފެކްޝަނެކެވެ. މި ބަލި އާންމުކޮށް ޖެހެނީ އަންހެނުންނަށް ކަމުގައިވީ ނަމަވެސް، ފިރިހެނުންނަށްވެސް މި ބަލި ޖެހިދާނެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ ފިރިހެނުންނަށް މި ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ގިނަ ފަހަރަށް މިއީ ޖިންސީ ގުޅުމުގެ ތެރެއިން ފެތުރޭ އިންފެކްޝަނެކެވެ. ފިރިހެނުންނަށް މި ބަލި ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޕްރޮސްޓޭޓް ބޮޑުވުމާއި، ކުޑަކަމުދާ ނިޒާމުގެ އެކި މައްސަލަތައް ހިމެނެއެވެ.
ޔޫޓީއައިގެ އަލާމާތްތައް؛ ފިރިހެނުންނަށް ޖެހޭ ޔޫޓީއައިގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާއިރު ދިލަނެގުމާއި ރިހުން އިހުސާސްވުން، އަދި ކުޑަކަމުދާން ބޭނުންވެފައި ދެވޭ ގޮތް ނުވުން ހިމެނެއެވެ. މީގެ އިތުރުން:
- ގިނައިން ކުޑަކަމުދާން ޖެހުން
- ކުޑަކަމުދިއުމުގައި ދަތިވުން
- ކުޑަކަމުދާއިރު ވޭން އިހުސާސްވުން
- ކުޑަކަމުގައި ލޭ ފެނުން
- ހުން އައުން އަދި ފިނިވުން
- ބަނޑުގެ ތިރީބައި، ދަށްބަނޑު އަދި ބުރަކަށީގައި ރިހުން
- ކުޑަކަމުދާން ފަށާއިރު އަދި ބޭނުންވިޔަސްވެސް ހުއްޓުވުމަށް އުނދަގޫވުން، (ހީވާނީ ކުޑަކަމުގޮސް ނުނިމޭ ހެނެވެ، އަދި ތިކި ތިއްކަށް އަންނަހެން ހީވުން)
- ކުޑަކަމުދާ ތަކެތީގައި ވަސްދުވުން

ޔޫޓީއައި- އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ–ފޮޓޯ:ހެލްތުލައިފް
ޔޫޓީއައި ޖެހޭ ސަބަބުތައް؛
ފިރިހެނުންނަށް ޔޫޓީއައި ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބެކްޓީރިއާ ކުޑަކަމުދާ ހޮޅިއަށް ވަނުން ހިމެނެއެވެ. އެހެނިހެން ސަބަބުތަކުގެ ތެރޭގައި:
- ޕްރޮސްޓޭޓް ބޮޑުވުން
- ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް
- ހަކުރު ބަލި ހުރުން
- ކިޑްނީގައި ހިލަ އުފެދުން
- ޔޫރެތްރާ އާދަޔާ ޚިލާފަށް ކުޑަވުން
- ބްލެޑަރ ފުރިހަމައަށް ހުސްނުވުން
- އެކަށީގެންވާ މިންވަރަށް ފެން ނުބުއިން
- ހިތާނު ނުކުރުން
- ރައްކާތެރިކަމެއްނެތި ޖިންސީ ގުޅުން ހިންގުން
ބަލި ދެނެގަތުމާއި ފަރުވާ; ޔޫޓީއައި ދެނެގަތުމަށް ކުޑަކަމުދާ ތަކެތި ޓެސްޓްކޮށް، އޭގައި ހުރި ބެކްޓީރިއާގެ ބާވަތް ދެނެގަނެވެއެވެ. ބެކްޓީރިއާގެ ބާވަތަށް ބަލައި އެންމެ އެކަށީގެންވާ އެންޓިބަޔޮޓިކް ޑޮކްޓަރު ކަނޑައަޅާނެއެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް؛ އަންނަނިވި ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހެއެވެ.
- އަލާމާތްތައް ދުވަސްތަކެއް ވަންދެން ދެމިހުރުން
- އައު އަލާމާތްތައް ފެނުން ނުވަތަ ކުރީގެ އަލާމާތްތައް ގޯސްވުން
- ބުރަކަށީގައި ރިހުން އިހުސާސްވުން
- ކުޑަކަމުދާ ތަކެތީގައި ލޭ ނުވަތަ މުދު ފެނުން

ޔޫޓީއައި- އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ–ފޮޓޯ:ހެލްތުލައިފް
ރައްކާތެރިވުމުގެ ފިޔަވަޅުތައް؛ ޔޫޓީއައި ޖެހުމުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
- ގިނަ އަދަދަކަށް ފެން ބުއިން
- ކުޑަކަމުދާން ބޭނުންވާ ވަގުތު ލަސްނުކުރުން
- ސާފުތާހިރުކަމަށް އަހައްމިއްޔަތުކަން ދިނުން
- ޖިންސީ ގުޅުމުގެ ކުރިންނާއި ފަހުން ޖިންސީ ގުނަވަންތައް ރަނގަޅަށް ސާފުކުރުން
- ޖިންސީ ގުޅުން ހިންގުމުގައި ރައްކާތެރި ވަސީލަތްތައް ބޭނުންކުރުން
- ޖިންސީ ގުޅުން ހިންގުމަށްފަހު ކުޑަކަމުދިއުން
ޔޫޓީއައި އަކީ ފިރިހެނުންނަށް މަދުން ޖެހޭ ބައްޔެއް ނަމަވެސް، އޭގެ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ފިރިހެން ޔޫރެތްރާގެ ދިގުމިނާއި ޕްރޮސްޓެޓިކް ފްލުއިޑްގެ އެންޓިބެކްޓީރިއަލް ގުނަވަންތަކުގެ ސަބަބުން ބެކްޓީރިއާ އުފެދުމަށް ހުރަސް އެޅޭތީ، ފިރިހެނުންނަށް މި ބަލި ޖެހުން މަދެވެ. ނަމަވެސް އުމުރުން ދުވަސްވުމާއެކު ބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.
ޔޫޓީއައި އަކީ ފަރުވާ ލިބޭ ބައްޔެކެވެ. ނަމަވެސް ފަރުވާ ނުހޯދައިފިނަމަ ކިޑްނީއަށް އިންފެކްޝަން ޖެހުން ފަދަ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން އަލާމާތްތައް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޞިއްޙީ ފަރުވާ ހޯދުން މުހިންމެވެ.

