ކީރިތި ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ، “އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު” މިއެވެ.
ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭނގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއްކަމަށާއި، އަދި އެ ދީން ޤިޔާމަތާ ހަމައަށްވެސް ރައްކާތެރިކުރައްވާނެކަމަށް ކީރިތިﷲ ވަޢުދުވެވޮޑިގެންވާކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ބުނީ އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުންކަމަށެވެ. އަދި ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެކަމަށެވެ.
ޚުތުބާގައި ބުނީ، އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވައިފައިވާ މަގަކީ އިސްލާމް ދީންކަމުގައެވެ. އަދި އެކަލާނގެ ޙަޟުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައިވަނީ، ކީރިތި ރަސޫލާ محمّد ﷺ މެދުވެރިކުރައްވައި ކަމަށެވެ.
“ކީރިތި ޤުރުއާނާއިއާއި ސުންނަތާއި ދެމެދުގައި ވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާ ދެމެދުގައި ވާ ގުޅުމެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ކީރިތި ޤުރުއާނާއި ސުންނަތާއި ވަތްކެއްނުކުރެވޭނެއެވެ” ޚުތުބާގައި ބުނެފައިވެއެވެ.
ކީރިތި ޤުރްއާނާއި ސުންނަތް ވަކިނުކުރެވޭނެ ކަމަށާއި، ސުންނަތަށް އިންންކާރުކުރާ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވާއިރު، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިގެން ތިބުމަށް ވަނީ ޚުރުބާގައި ނަޞޭޙަތްތެރިވެފައެވެ.

