މިއަދު ހެނދުނު ވެސް ފަލަސްޠީނުގެ ޣައްޒާ އަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 20 މީހުން ޝަހީދުކޮށްލައިފިއެވެ.
މިހަމަލާތައް ދީފައިވަނީ ޣައްޒާގެ އުތުރު ސަރަހައްދުތަކަށެވެ.
އެމެރިކާގެ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޤަތަރުގެ ބޮޑުވަޒީރު ޝެއިޚު މުހައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ވިދާޅުވީ އިސްރާއީލު ސިފައިން މި ހަނގުރާމަ ހުއްޓައިލަން ބޭނުންނުވާކަން ވަރަށް ސާފުކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ދަނީ ޣައްޒާގެ މުސްލިމުންނާދެމެދު ހަނގުރާމަ ކުރަމުންނެވެ. އަދި، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ ބިމަށް ވެރިވެގަތުމަށް މަސައްކަތް ކުރަމުންނެވެ.
ޣައްޒާގައި ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުގެ ސިފައިންދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

