މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނުއެވެ. މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:30 ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި އެކްސިޑެންޓު ހިނގާތަން ފެންނަ ވީޑިއޯއެއް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ ގަހުގައި ޖެހިފައި އޮތް ރަތް ކުލައިގެ ކާރަށް މީހަކު އަރާ މަންޒަރެވެ. އެއަށް ފަހު އެ ސަރަހައްދު ދޫކޮށް ކާރުގައި ދުއްވާފައިދެއެވެ. މަގުމަތީގައި ގަހުގެ ގޮފިގަނޑެއް ވެއްޓިފައި އޮތްއިރު މީހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.
މި އެކްސިޑެންޓަގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، ކާރުގެ ކުރިމައްޗަށް ވަނީ ގެއްލުންވެފައެވެ.
މި އެކްސިޑެންޓަށް ފަހު ކާރު ދުއްވަން އިން މީހާ ފިލާފައި ނުވާ ކަމަށާއި ކައިރި ހިސާބެއްގައި ކާރު ޕާކްކުރުމަށް ފަހު އެ މީހާ އެނބުރި އެކްސިޑެންޓް ހިނގި ހިސާބަށް އައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

