ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ “މައްކާ ރޫޓް އިނީޝިއޭޓިވް”ގެ ހިދުމަތް ދެއްވުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ރާއްޖެއަށް އައީ “މައްކާ ރޫޓް އިނީޝިއޭޓިވް”ގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަމަށެވެ.
މަތީ ފަންތީގެ އެ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓްރީގެ އޮފިޝަލުންނެވެ.
“މައްކާ ރޫޓް އިނީޝިއޭޓިވް”އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
“މައްކާ ރޫޓް އިނީޝިއޭޓިވް” ރާއްޖޭގައި ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓް ފުރާ ދުވަސް ކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ.

