އިންޑިއާގެ ވެރިރަށް ދިއްލީއާއި އެ ސަރަހައްދަށް ކުއްލި ގޮތަކަށް ވެއްޔާއި ވާރޭގެ ތޫފާނެއް އަރާނެ ކަމަށް ލަފާކޮށް އިންޑިއާގެ މޫސުމާބެހޭ އިދާރާ (އައިއެމްޑީ) އިން ރީދޫ ސަމާލު ނެރެފިއެވެ.
އައިއެމްޑީން ވަނީ ވެރިރަށް ދިއްލީ އާއި އެ ސަރަހައްދުގެ ވަކިވަކި ތަންތަނަށް ކުރިއަށް އޮތް ދެ ގަޑިއިރުގެ ތެރޭގައި ވާރޭވެހި، ވިދާ ގުގުރައި، ގަޑިއަކު 30-40 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ.
މީސް މީޑިއާގައި ހިއްސާކޮށްފައިވާ މަންޒަރުތަކުން ދައްކައިދެނީ ހޫނުގަދަ ދުވަސްތަކަށްފަހު ވެހުނު ވާރޭއިން މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރާއި، ވެލީގެ ސަބަބުން ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ މިންވަރެވެ.
އައިއެމްޑީން ލަފާކުރާ ގޮތުގައި މި ހަފްތާ ބަންދުގައި ދިއްލީގެ އެންމެ މަތީ ފިނިހޫނުމިން ހުންނާނީ 40-41 ޑިގްރީ ސެލްސިއަސްގައެވެ. އެންމެ ދަށް ފިނިހޫނުމިން ހުންނާނީ 26 ޑިގްރީ ސެލްސިއަސްގައެވެ.
އުތުރު-ދެކުނު ޕްރެޝާ ގްރޭޑިއަންޓެއް އުފެދުމުގެ ސަބަބުން 14 މެއި ރޭ ފެށިގެން އަނެއް ދުވަހުގެ ހެނދުނާ ހަމައަށް ޕަންޖާބު، ހަރިޔާނާ، ދިއްލީ އަދި އުތުރު ރާޖަސްތާންގައި ވެލީގެ ތޫފާނަކާއެކު ގަޑިއަކު 30-40 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހު ކަމަށް އައިއެމްޑީން ވަނީ ބުނެފައެވެ.

