ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ އަހަރު 2.78 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައި ހާމަކޮށްފިއެވެ.
އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ ތެރޭގައި ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން 1.736 ބިލިޔަން ރުފިޔާ އާއި، ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ އެޑްމިނިސްޓަރޑް ލޯނު ޕޯޓްފޯލިއޯއިން 1.045 ބިލިޔަން ރުފިޔާ ހިމެނެއެވެ.
ކެޕިޓަލް ލޯނު ޕޯޓްފޯލިއޯގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް
ވޭތުވެދިޔަ 5 އަހަރު ކެޕިޓަލް ލޯނު ޕޯޓްފޯލިއޯގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން މި ދާއިރާއަށް 521 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ކޮމާރސް ދާއިރާއަށް 509.9 މިލިޔަން ރުފިޔާ އަދި މަސްވެރިކަމުގެ ދާއިރާއަށް 303 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
އެޑްމިނިސްޓްރޭޓިވް ލޯނު ޕޯޓްފޯލިއޯއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް
ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން ހިންގާ އެޑްމިނިސްޓްރޭޓިވް ލޯނު ޕޯޓްފޯލިއޯގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މަސްވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން މި ދާއިރާއަށް 647 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ކޮމާރސް ދާއިރާއަށް 230 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
އެސްޑީއެފްސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް 180 ރަށަކަށް އެ ކޯޕަރޭޝަނުގެ ޕޯޓްފޯލިއޯ ފުޅާކުރެވިފައިވެއެވެ. މިދިޔަ އަހަރު ނިމުނުއިރު އެޑްމިނިސްޓާރޑް ލޯނު ހިމެނޭގޮތަށް ޖުމްލަ ޕޯޓްފޯލިއޯގެ 44 އިންސައްތަ ނުވަތަ 1.13 ބިލިޔަން ރުފިޔާ ދޫކޮށްފައިވަނީ އަތޮޅުތެރެއަށެވެ.

