ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތް މިއަދު ކުޑަގިރީގައި ފަށައިފިއެވެ.
މި މުބާރާތުގައި ހުރިހާ ކެޓެގަރީއަކުން ޖުމްލަ 281 ފެތުންތެރިން ވާދަކުރާކަން ފާހަގަކުރެވެއެވެ.
މި މުބާރާތުގެ ގައުމީ ފަސް ކިލޯމީޓަރުގެ ކެޓެގަރީގައި އަންހެން 10 ފެތުންތެރިންނާއި ފިރިހެން 14 ފެތުންތެރިން ވާދަކުރާއިރު، ތިން ކިލޯމީޓަރުގެ ޖޫނިއަރ ބައިގައި އަންހެން 8 ފެތުންތެރިންނާއި ފިރިހެން 24 ފެތުންތެރިން ބައިވެރިވެފައިވެއެވެ.
މުބާރާތުގެ އެއް ކިލޯމީޓަރުގެ ކޮމިއުނިޓީ މާސް އިވެންޓް ބައިގައި ފިރިހެން 63 ފެތުންތެރިންނާއި އަންހެން 36 ފެތުންތެރިން ވާދަކުރާއިރު، މާސްޓާސް އިވެންޓުގައި ހަތް ފިރިހެން ފެތުންތެރިން ވާދަކުރެއެވެ. އަދި އިއޭޑީ ކެޓެގަރީގައި ފިރިހެން ނުވަ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން 0.5 ކިލޯމީޓަރުގެ ކިޑްސް ސްވިމް ކެޓެގަރީގައި 66 ފިރިހެން ފެތުންތެރިންނާއި 42 އަންހެން ފެތުންތެރިން ވާދަކުރާކަން ފާހަގަކުރެވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއީ އޯޕަން ވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބާއްވާ ތިންވަނަ ފަހަރު ކަމަށްވުމެވެ. މި މުބާރާތް ބޭއްވުމުން ރާއްޖޭގެ ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރައި، ޒުވާން ޖީލުތަކަށް މި ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

