މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށާއި ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ބޭނުންކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މުވާސަލާތާއި މަޢުލޫމާތު ދާއިރާގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ރައީސް މުޢިއްޒު ވަނީ މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް ތަހުނިޔާ ދަންނަވައިފައެވެ. އަދި މި ދާއިރާއިން އިތުރު ކުރިއެރުމާއި ކާމިޔާބީ ހޯދުމަށް އެދިވަޑައިގެންފައިވެ އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަހަކީ ދުނިޔޭގެ މުވާސަލާތާއި މަޢުލޫމާތު ދާއިރާގެ ދުވަސް ކަމުގައި ފާހަގަކުރެވެ އެވެ. މި ދުވަހަކީ މުވާސަލާތީ ދާއިރާއިން ދުނިޔެ ހޯދާފައިވާ ކުރިއެރުންތަކާއި، މި ދާއިރާގެ މުހިންމުކަން ފާހަގަކުރުމަށް ޚާއްސަ ދުވަހެކެވެ.
ރާއްޖޭގެ މުވާސަލާތީ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، މީގެ 37 އަހަރު ކުރިން ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުން ވަނީ މި ޚިދުމަތް ފަށާފައެވެ. އަދި ރަސްމީ ގޮތުން ދިރާގުގެ ޚިދުމަތް ފެށިފައިވަނީ 1988 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ.
ރައީސް މުޢިއްޒުގެ މެސެޖުން ފާހަގަކުރެވުނު ގޮތުގައި، މުވާސަލާތީ ދާއިރާއިން ލިބޭ ކުރިއެރުންތައް ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމަށް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މި ވަސީލަތްތަކުގެ ބޭނުން ހިފުމަށް އިސްކަންދޭންޖެހޭ ކަމަށް ފާހަގަކުރެވެ އެވެ.

