ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖުޑީޝަރީއަކާ ނުކުޅޭނެ ކަމަށާއި ޢަދުލު އިންސާފާ ފެއަށް ނުދާނެ ކަމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ވިދާޅުވެފައިވަނީ، “ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ތަޙުޤީޤާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައިވެސް ޢަމަލުކޮށްފައިވާނީ މި މަގުން” ކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤާނޫނު ނެގެހެއްޓުމަށާއި ޖުޑީޝަރީގެ މިނިވަންކަން ދެމެހެއްޓުމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރުގެ މި ބަސްފުޅުތައް އައިސްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި އުސްތާޛް މަހާޒު ޢަލީ ޒާހިރު ވަކިކުރި މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމުގެ ތެރެއަށް ނުފޫޒު ފޯރުވައި، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް މައްސަލަ ނިންމުމަށް ކޮމިޝަނުގެ މެންބަރުން ބަދަލުކުރި ކަމުގެ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޑރ. ޚަލީލް ވަނީ އިދިކޮޅު ޕާޓީގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރާއްޖެ ތަމްސީލުކުރައްވާ ވާހަކަދެއްކެވުމުގައި ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކެވުމަށާއި ތެދުބަހުން ވާހަކަދެއްކެވުމަށް އިލްތިމާސްކުރައްވާފައެވެ.

