ޓެކްނޮލޮޖީގެ ފަސޭހަކަމާއި އޭގެ އިންގިލާބީ ބަދަލުތަކުގައި އެއްވެސް ބަޔަކު ބާކީ ނުކުރުމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ގޮވާލައްވައިފި އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
މިނިސްޓަރ އިހްސާން ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިގްތިސާދާއި މުޖުތަމަޢު އަދި ދިރިއުޅުން، ބަދަލުވަމުންދާ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރުވަން ބައްޓަން ކުރަން ޖެހެއެވެ. މި އަހަރުގެ މުވާސަލާތީ ދުވަހުގެ ޝިޢާރަކީ “ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން” އެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އަންހެނުން ޑިޖިޓަލް އިންގިލާބުގެ ހަވާސާގައި މަޑުޖެހިފައި ތިބެން ޖެހިފައިވެއެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީއަށް ވާސިލްވުމުގައި ހަމަހަމަކަން ނެތުމާއި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަރޝިޕްގައި ބައިވެރިވުމަށް ހުރަސްތައް ހުރިކަން ހިމެނެއެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން މަދު ނޫން ކަމަށެވެ. އެހެންނަމަވެސް ލީޑަރޝިޕް ދާއިރާގައި އަންހެނުންގެ ބައިވެރިވުން ނިސްބަތުން މަދުކަން ފާހަގަކުރެއްވިއެވެ.
“ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަ ނަމަވެސް މި ފަރަގުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ދެއްވާ އަހައްމިއްޔަތަކީ އަޅުގަނޑު ހިތުން ކޮންމެ ދިވެހި ރައްޔިތަކު ވެސް ފާހަގަކުރަންވާނެ ކަމެކެވެ،” މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ “ޑިޖިޓަލް ފަސްޓް ނޭޝަން” ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ އަންހެނުންނަށް ވެސް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، އިގްތިސާދުގައި ހަމަހަމަ ބައިވެރީންނަށް ވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.ސަރުކާރުގެ “ޑިޖިޓަލް ފަސްޓް ނޭޝަން” ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ އަންހެނުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުން، އެފަރާތްތައް އިތުރަށް ބާރުވެރިވެ، އިގްތިސާދީ ގޮތުން ހަމަހަމަ ބައިވެރިންނަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވަނީ ވިދާޅުވެފަވެ.
މި އަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މި ދުވަސް ދިމާވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު “ދިވެހިރާއްޖެ 2.0” އިފްތިތާޙު ކުރެއްވި ދަނޑިވަޅާއެވެ.
މިނިސްޓަރ އިހްސާން ވިދާޅުވި ގޮތުގައި “ދިވެހިރާއްޖެ 2.0” އަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންޤިލާބީ ތަރައްޤީއެއް ގެނައުމަށް އަމާޒު ހިފާފައިވާ މަޝްރޫޢެކެވެ. އަދި މި މުނާސަބަތުގައި ރައީސް މުޢިއްޒަށް ޚާއްސަ ތަހުނިޔާއެއް މިނިސްޓަރ ވަނީ އަރިސްކުރައްވާފައެވެ.

