ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓުން އިންތިޒާމުކޮށްގެން މާލެ ސަރަހައްދުގައި މަސައްކަތްކުރާ ނަފްސާނީ ދާއިރާގެ 33 ބައިވެރިންނަށް ބޭއްވި މެންޓަލް ހެލްތު ގެޕް ޓްރެއިނިން ނިންމާލައިފިއެވެ.
ޞިއްޙީ ވުޒާރާގެ ދަށުން ހިންގާ ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓުން މި ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި ޔުނިސެފް މޯލްޑިވްސް އަދި އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތާ ގުޅިގެންނެވެ. މެއި 11 އިން 15 އަށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ޓްރެއިނިންގައި 31 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މި ޓްރެއިނިންގައި ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާކުރުމާއެކު، ނަފްސާނީ ސިއްޙަތުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އަދި، ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ކުޑަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، "މި ގެޕް ޓްރެއިނިންގެ ސަބަބުން ނަފްސާނީ އުނދަގޫތައް ތަހައްމަލްކުރަމުންދާ މީހުންނާއެކު މަސައްކަތްކުރުމުގައި، ބައިވެރިންގެ ހުނަރާއި ގާބިލްކަން އިތުރުވެގެންދާނެ" އެވެ.
ވަކި އިދާރާއެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓުން އަންނަނީ ނަފްސާނީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެއި މަހުގެ ފުރަތަމަ ހަފްތާގައި ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިފްރެޝަރ ޓްރެއިނިންއެއް ބާއްވައި، އޭޕްރީލް މަހުގެ ތެރޭގައި "ވިލުންތެރި އެކުވެރިން" ގެ ނަމުގައި ބެލެނިވެރިންނަށް ޚާއްސަ ފޮތެއްވެސް ވަނީ ނެރެފައެވެ.

