އިންޑިއާގެ ސީރީޒްތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ދިޕިކާ ކައްކަރުގެ ފުރަމޭގައި ޓިއުމަރެއް އުފެދި، ސާޖަރީއަކަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނަގެ ފިރިމީހާ އެކްޓަރ ޝުއައިބް އިބްރާހީމް ހާމަކޮށްފިއެވެ.
ޔޫޓިއުބް ވީޑިއޯއެއް މެދުވެރިކޮށް ޝުއައިބް އިބްރާހިމް ހާމަކުރި ގޮތުގައި ދީޕިކާގެ މޭގައި ޓެނިސް ބޯޅައެއްގެ ސައިޒްގެ ޓިއުމަރެއް އުފެދިފައިވާކަމަށާއި މިކަން އެނގިފައިވަނީ މި މަހުގެ ކުރީ ކޮޅުގައި ކަމަށެވެ.
“ފުރަތަމަ ދީޕިކާގެ ބަނޑުގައި ރިއްސަން ފެށީ އޭރު ހީކުރީ އިންފެކްޝަނެއް އުފެދުނީ ކަމަށް. ދެން ޑޮކްޓަރަށް ދައްކާފަ ބޭސް ކެއީމަ ރަނގަޅުވެފަ ހުރެފަ އަނެއްކާ ތަދުވާން ފެށީމަ ޑޮކްޓަރަށް ގޮސް ލޭގެ ޓެސްޓެއް ހަދައި ފަހުން ސީޓީ ސްކޭނެއް ހެދީ. އެ ސްކޭނުން އެނގުނީ މޭގެ ވާތް ފަރާތުގަ ޓިއުމަރެއް އިންކަން” ޝުއައިިބް ބުނެފައިވެއެވެ.
ދީޕިކާގެ ޓިއުމަރު ނެގުމަށް ވަރަށް އަވަހަށް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝުއައިބް ބުނެފައިވެއެވެ.
ދީޕިކާ އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔައީ ކަލާސް ޓީވީއިން ގެނެސްދިން ސަސްރާލްކީ ސިމަރް ޝޯއިންނެވެ. “ސަސުރާލު ސިމަރު ކާ” ފަދަ މަޝްހޫރު ސިލްސިލާތަކުންވެސް ދީޕިކާ ފެނިގެން ގޮސްފައިވާއިރު، އޭނަ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން ދެއްކި “ކަހާ ހަމް، ކަހާ ތުމް” އެވެ.
ދިޕިކާ އާއި ޝުއައިބް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ދަރިޔަކު ވެސް ވަނީ ލިބިފައެވެ.

