މިއަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މި މަހުގެ 26 ވަނަ ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މިއަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިން ގެންދިއުމަށް ހަތަރު ފްލައިޓެއް ހަމަޖެހިފައިވެއެވެ. މި އިންތިޒާމުތައް ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައެވެ.
ފްލައިޓުތަކުގެ ތާވަލަށް ބަލާއިރު، މެއި 26 ގައި 235 ހައްޖުވެރިންނާއި، މެއި 27 ގައި 257 ހައްޖުވެރިންނާއި، މެއި 29 ގައި 250 ހައްޖުވެރިންނާއި، އަދި މެއި 30 ގައި 250 ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މެއި 27 އަދި 29 ގައި ހައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައި ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މިއަހަރަކީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއަރލައިނުގައި ހައްޖަށް ދާ އަހަރެވެ. އަދި މިއަހަރު ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދެއްވާފައިވެއެވެ. މި އިނީޝިއޭޓިވްގެ ކަންކަން ތަންފީޒުކުރެއްވުމަށް ސައުދީގެ އިސް ވަފުދެއް ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުން ދިވެހި ހައްޖުވެރިންނަށް އެތައް ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ރަސްމީކޮށް ފަށާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

