ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ހާއްސަކޮށްގެން “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025”ގެ ނަމުގައި ކަރެކްޝަންސް އިން ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އިފްތިތާހު ކޮށްދެއްވި މި މުބާރާތް ފެއްޓީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެއެވެ. މި މުބާރާތުގައި 114 ގައިދިން ބައިވެރިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވިއެވެ.
ފުޓްސަލް މުބާރާތް ކުރިއަށް ގެންދަނީ ލީގު އުޞޫލުން، އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ.
މިއީ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމަށާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުމަށް ބޭއްވޭ މުބާރާތެއް ކަމުގައި ކަރެކްޝަންސް އިން ވިދާޅުވެއެވެ.

