ހުޅަނގު އޮސްޓްރޭލިޔާގެ ނޯތްބްރިޖްގައި ދިވެއްސަކު މަގުމަތިވެ ހާލުގައި ޖެހިފައިވާ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ގެދޮރު ނެތް މީހުންނަށާއި ގެދޮރު ގެއްލުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ "ރުއާހ އެންގޭޖްމަންޓް ހަބް" އިންނެވެ.
މަގުމަތިވެފައިވާ ދިވެހި ރައްޔިތާއަކީ ފަތުހުﷲ އިބްރާހީމް ކަމަށާއި، އޭނާއަށް މިވަގުތު ދިރިއުޅޭނެ ދާއިމީ ތަނެއް ނެތްކަމަށް އެ މަރުކަޒުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އޭނާއަށް ވަގުތީ ހިޔާވަހިކަން ލިބޭނެ އެންމެ ތަނެއް ހުރި ނަމަވެސް، އެތަނުގައި ވެސް ހަމައެކަނި ހަފްތާއެއްގެ މުއްދަތަށް ބެހެއްޓޭނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

ރުއާޖަމިއްޔާ އިން އެ ހާލުގަ ޖެހުނު ދިވެހި މީހާ އަށް އެހީވުން އެދި އިސްލާމިކް މިނިސްޓްރީއަށް ދަންނަވާފައި
އޮސްޓްރޭލިޔާގެ ރައްޔިތެއް ނޫންކަމުން ދަތިތަކާ ކުރިމަތިވެފައި
ފަތުހުﷲ އިބްރާހީމްއަކީ އޮސްޓްރޭލިޔާގެ ރައްޔިތެއް ނޫން ކަމަށްވުމުން، އޭނާއަށް އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ލިބުމުގައި ގިނަގުނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން، އެކި ބާވަތުގެ އަނިޔާއާއި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ރުއާހ އެންގޭޖްމަންޓް ހަބްއަކީ ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެކެވެ. މި މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ފެންވެރުމާއި، އިންޓަނެޓް އަދި ފޯނު ބޭނުންކުރުމުގެ ޚިދުމަތްތަކާއި، އެހެނިހެން ތަންތަނަށް ރިފަރ ކުރުމާއި، ވަކާލާތުކޮށްދިނުމާއި އަދި ކުރުމުއްދަތުގެ އެހީތެރިކަން ހިމެނެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އެއްވެސް ބަހެއް ދީފައެއް ނުވެއެވެ.

