މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒުކަމަށްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މިއަހަރު 5000 އެއްހާ އުފެއްދުން ފެންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަންދާޒާކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި މިހާތަނަށް 51 ކެޓަގަރީއަކުން 21 ރަށެއްގެ އުފެއްދުންތައް މައުރަޒުގައި ބައިވެރިކުރުމަށް ވަނީ ހުށަހަޅާފައެވެ.
“6 އަހަރު ފަހުން މައުރަޒު ބާއްވާތީ އަޅުގަނޑުމެން އެހާ ބޮޑު ތަރުހީބެއް ނުލިބިދާނެކަމަށް ވިސްނައިގެން ވާހަކަދެކެވުނީ. އެހެންނަމަވެސް އަޅުގަނޑުމެން އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް އެބަލިބޭ. ބައެއް ސަރަޙައްދުތަކުން ޖާގަ އިތުރުކުރަންވެސް ޖެހިގެން އެމަސައްކަތްވެސް ކުރިއަށްއެބަދޭ،” އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
މިއަހަރުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކަށް ޚާއްސަ ކެޓަގަރީއެއް ތަޢާރަފްކޮށްފައިވާއިރު، މިބައިން ގާތްގަނޑަކަށް 5 ކުންފުންޏަކުން އެކި އުފެއްދުންތައް ބައިވެރިކުރާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައިވެސް އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މިމަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމައުރަޒުގައި އެކި ބާވަތުގެ މުދާ ވިއްކުމަށް ޚާއްސަ މާކެޓް ޕްލޭސްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓަކާއި، މުނިފޫހިފިލުވުމަށް ޚާއްސަ ސަރަޙައްދަކާއި، މައުރަޒުގެ އުފެއްދުންތަކަށް ޚާއްސަ ސަރަޙައްދެއް ވަނީ ޤާއިމުކޮށްފައެވެ.

