ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީ ކުރެވިފައިވަނީ 14،188 މީހުންކަމަށް އެ އެޖެންސީއިން ހާމަކޮށްފި އެވެ.
އެންސްޕާއިން އާންމުކުރި އޭޕްރީލް 2025 ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ މަހު އިނާޔަތް ފޯރުކޮށްދެވުނު މީހުންގެ އަދަދަކީ 14،024 އެވެ. އަދި އޭޕްރީލް މަހު އަލަށް 103 މީހަކު ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.
އެންސްޕާއިން އިތުރަށް ހާމަކުރި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީގެ ގޮތުގައި އޭޕްރީލް މަހު 50 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުންގެންދާ އިނާޔަތްތަކުގެ ތެރޭގައި މާލީ އެހީގެ އިތުރުން، ޞިއްޙީ ފަރުވާއާއި، ތަޢުލީމީ އެހީތެރިކަން ހިމެނެއެވެ. މި އިނާޔަތްތައް ލިބިގަތުމަށް އެދޭ ފަރާތްތަކުން އެންސްޕާގައި ރަޖިސްޓްރީ ވުން ލާޒިމުވެއެވެ.
އެންސްޕާއިން ފޯރުކޮށްދޭ މި ޚިދުމަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އެ ފަރާތްތަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

