ކުރިއަށް އޮތް އަޟްހާ ޢީދަށް ރަށްތައް ދިއްލާލުމަށްޓަކައި ހަރުކުރާ ލައިޓުތަކުގެ ޑިމާންޑު މިފަހަރުވެސް ވަރަށް ބޮޑު ކަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބޮޑު ޢީދަށް ޢީދު ލައިޓް ހޯދުމަށް ވަރަށް ގިނަ ކައުންސިލްތަކުން އެދެމުންދާ ކަމަށެވެ. "ޢީދު ލައިޓުގެ ޑިމާންޑު ވަރަށް ހައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންނަމަވެސް މިދިޔަ އަހަރެކޭ އެއްފަދައިން މިފަހަރުވެސް ބޮޑު ޢީދަށް އިތުރު ޢީދު ލައިޓު ނުހޯދާނެ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. މިދިޔަ އަހަރުވެސް ޢީދު ލައިޓު ހޯދާފައިވަނީ އެންމެ ފަހަރެއްގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވި ފިތުރު ޢީދުގައި ރާއްޖޭގެ 64 ރަށެއްގައި ޢީދު ލައިޓު ހަރުކޮށް، ދިއްލާލާފައިވެއެވެ. މިއީ ރާއްޖޭގެ ރަށްތަކުގައި ޢީދު ލައިޓު ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
ޢީދާ ދިމާކޮށް މަގުތަކުގައި ލައިޓު ހަރުކޮށް، "ޢީދު އަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުގައެވެ. މި ހަރަކާތަށް ލިބުނު ފޯރިގަދަ ތަރުހީބާ އެކު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ މި ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ނިންމަވާފައެވެ.

