ގުޅިފަޅުގެ ހިއްކާފައިވާ ސަރަޙައްދަށް ގޯތިތައް ބަދަލުކޮށް، މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރީ ކުރީ ސަރުކާރުގައި 2023 އޮގަސްޓް 24 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަންޖެހޭ މުހިންމު ބައިތައް ނެތުމާ ގުޅިގެން މި ސަރުކާރުން ވަނީ އެ ޕްލޭން ބަދަލުކޮށް 2024 އޮކްޓޯބަރު 27 ގައި އައު ޕްލޭނެއް އިޢުލާނުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމަށްވުމާއެކު، ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދިނުމަށް ނިންމައި ޕްލޭނަށް ބަދަލު ގެނެސް މިހާރު ވަނީ ގެޒެޓްކޮށްފައެވެ.
“މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމްޢިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައި. މާތްﷲ ގެ އިރާދަފުޅާއެކު މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށޭނެ،” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ބަދަލުކުރެވިފައިވެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލުކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

