ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. މި ނިންމުން ފާސްކޮށްފައިވަނީ ބަރަސެލޯ ނަސަންދުރާގައި ބޭއްވުނު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތައިގެ ވޯޓުންނެވެ.
މި ޖަލްސާގައި 162 ހިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. ޖަލްސާގައި 2023 ވަނަ އަހަރުގެ ޔައުމިއްޔާއާއި، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސައި، އުޖޫރައެއްގެ ގޮތުގައި 67,500 އެމެރިކާ ޑޮލަރު ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 16.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ. "އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ހެޔޮކުރުން" ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.
ޖަލްސާގައި އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި މުޙައްމަދު އަޙްސަން ސަލީމް ވަނީ 99.71 އިންސައްތަ ހިއްސާދާރުންގެ ވޯޓުން އައްޔަންކޮށްފައެވެ.
1964 ވަނަ އަހަރު އުފެދުނު އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެވެ. މި ކުންފުނިން ތެލާއި، ބޭހާއި، ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ވިޔަފާރިވެސް ކުރެއެވެ.

