ޔޫތު މިނިސްޓްރީން އިއްޔެ ބޭއްވި “އޯޕަން ޑޭ 2025” އަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާއެކު، އެ ހަރަކާތް ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފިވެ. ސޯޝަލް ސެންޓަރުގައި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހުޅުވާލައިގެން ބޭއްވި ހަރަކާތެކެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކާއި، ޒުވާނުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމެވެ. މީގެ އިތުރުން، މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ވެސް ވަނީ ޙިއްޞާކޮށްފައެވެ.
މި ހަރަކާތުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހަވީރުގެ ވަގުތުތަކުގައި އެކި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ލައިވް ޕަރފޯމަންސްތައް ވެސް ވަނީ ބާއްވާފައެވެ.
ހަރަކާތުގެ އެންމެ ފަހު ވަގުތުކޮޅުގައި، އެތަނަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ވަނީ ބާއްވާފައެވެ. މި ގުރުއަތުން ހޮވުނު ތިން ވަނަ ފަރާތަކަށް ފައިސާގެ އިނާމާއި ގިފްޓް ޕެކް ވަނީ ހަވާލުކޮށްފައެވެ.

