ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ އިން ހިންގި ސްމާޓު ފިހާރަ ބޭސްފިހާރައަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ ރޭ ނަސަންދުރާ ހޮޓަލުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝިމާދު ވިދާޅުވީ އެސްޓީއޯ ސްމާޓު ސްޓޯރު ފާމަސީއަކަށް ބަދަލުކޮށް، ކުރިއަށް އޮތް ހަފްތާ ނުވަތަ ޖެހިގެން އަންނަ ހަފްތާ އެތަން ހުޅުވާނެ ކަމަށެވެ.
ޝިމާދު އިތުރަށް ވިދާޅުވީ ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލު ކުރި ނަމަވެސް ހުޅުމާލެ ހޮސްޕިޓަލް ކައިރީ މިހާރު ހުންނަ ފާމަސީން ވެސް ހިދުމަތް ދޭނެ ކަމަށެވެ. މީގެ އިތުރުން، ހުޅުމާލެ ފޭސް ދޭއްގައި ވެސް އެސްޓީއޯގެ ފާމަސީއެއް ގާއިމް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯ ސްމާޓު ފިހާރައަކީ ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ ތަނެކެވެ. މި ފިހާރަ ހުޅުވީ 2023 ގައެވެ. މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ފިހާރައެވެ.
އެސްޓީއޯއިން ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެެއް ކަމަށެވެ.

