ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓުން ބުނެފިއެވެ.
މެޓުން ބުނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުކަމަށާއި، އެސަރަޙައްދުތަކަށް މިއަދު ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށިގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
މެޓުން ބުނީ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ރާޅުގެ އުސްމިނުގައި 4 – 7 ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

