މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ދިވެހި ފުލުހުންގެ ޙިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މެއި މަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމެވެ.
ޑްގަރް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ، މާލެ، އުމުރުން 44 އަހަރުގެ ޙަސަން ނިމާލު އާއި ހ. ރީފްވިޔު ހުޅަނގުބައި 3، މާލެ، އުމުރުން 38 އަހަރުގެ ޝިފާނާ ޢަބްދުއްސައްތާރެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

