އެސްޓީއޯގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ ނުނިމެނީސް، ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ރޭ ޖަމާކޮށްދީފިއެވެ. ހިއްސާދާރުން ވޯޓު ދިންތާ 15 މިނެޓުގެ ތެރޭގައި ހިއްސާދާރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި ކަމަށް އެ ކުންފުނީގެ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ވަނީ ފާހަގަކޮށްފައެވެ.
ނަސަންދުރާ ހޮޓެލްގައި ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާގެ މަގުން ފައިދާ ބެހުމަށް ވަނީ ފާސްކޮށްފައެވެ. އެސްޓީއޯގެ އެއް މިލިއަން ހިއްސާ ހިމެނޭއިރު، ހިއްސާދާރުންނަށް ޖުމްލަ 90 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައިވެއެވެ. މީގެ ތެރެއިން ސަރުކާރަށް 73 މިލިއަން ރުފިޔާ އަދި އާންމު ހިއްސާދާރުންނަށް 17 މިލިއަން ރުފިޔާ ލިބޭނެއެވެ.
އެސްޓީއޯއަށް 2024 ވަނަ އަހަރު ޖުމްލަ 15.4 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، އެސްޓީއޯ ގްރޫޕުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވި ގޮތުގައި މި ދަށްވުން އައިސްފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގަށް އައި ބަދަލާ ގުޅިގެންނެވެ.
“ކޮވިޑުގެ ދުވަސްވަރުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަ. ހަމައެއާއެކު ޔޫކްރެއިން އަދި ރަޝިޔާގެ ހަނގުރާމަ ފެށިގެން ދިޔުމާއެކު ތެލުގެ ބާޒާރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައި،” ޝިމާދު ވިދާޅުވިއެވެ.
އިތުރަށް ޝިމާދު ފާހަގަކުރެއްވި ގޮތުގައި 2022 އަދި 2023 ވަނަ އަހަރު އެސްޓީއޯގެ އާމްދަނީ މައްޗަށް ދިޔަ ނަމަވެސް، 2023 ވަނަ އަހަރުގެ ތެރޭގައި ތެލުގެ އަގު މަޑުމަޑުން ދަށަށް ގޮސްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏަށް ވެފައިވާ އެސްޓީއޯގެ ހިއްސާގެ ފައިދާ ބެހުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 99.9 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ.

