ތެލާއި ގޭސް ހޯދުމަށް ކުރަމުން ދިޔަ ދިރާސާތަކެއްގެ ތެރެއިން ތުރުކީން ބޮޑު ގޭސް ވަޅެއް ފެނިއްޖެއެވެ.
އެ ގޭސް ވަޅު ފެނިފައި ވަނީ ތުރުކީގެ އުތުރު ފަރާތު އައްސޭރިފަށުން ކަޅު ކަނޑުންނެވެ.
ތުރުކީން ބޮޑު ގޭސް ވަޅެއް ފެނިފައިވާ ކަން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވެސް ވަނީ ހާމަކުރައްވާފައެވެ. އަދި އެ ވަޅުގައި 75 ބިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ހުރި ކަމުގައި ވެސް އުރްދުޣާން ވަނީ ވިދާޅުވެފައެވެ.
އުރްދުޣާން މިހެން ވިދާޅުވެފައިވަނީ އެ ޤައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށް، އިސްތަންބޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ތުރުކީވިލާތުން ފެނިފައިވާ ގޭސް ވަޅަށް ދީފައިވާ ނަމަކީ ‘ގޮކްތެޕޭ-3’އެވެ. 30 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ގޭސް ވަޅު ފެނިފައި ވަނީ ބިމުގެ ސަތަހައަށް ވުރެ 3,500 މީޓަރު އަޑިން ކަމުގައި އުރްދުޣާން ވިދާޅުވިއެވެ.
ޖުމްލަކޮށް ބަލާއިރު ތުރުކީގެ ޝެލްފްގައި ބޮޑެތި އެކްސްޕްލޯރޭޝަންގެ މަސައްކަތްތައް ފެށިފަހުން މެޑިޓެރޭނިއަން ކަނޑުގައި 11 ވަޅު އަދި ކަޅު ކަނޑުގައި 38 ވަޅު ވަނީ ކޮނެފައެވެ.

