މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫޢުއަށް އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ދިރާސާގެ ބޭނުމަށް، އާންމުންގެ ޚިޔާލު ހޯދުމަށް ސާވޭއެއް ކުރިއަށް ގެންދާނެއެވެ. މި ސާވޭގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އާންމުންނަށް ހުޅުވާލާފައެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ސާވޭގެ ޛަރީއާއިން އެ މަގު ބޭނުންކުރަމުންދާ ގޮތާއި ބޭނުންކުރާ މިންވަރު ދެނެގަނެވި، މަޝްރޫޢުގެ ކަންކަން ރޭވުމަށް މުހިންމު މަޢުލޫމާތު ލިބިގެންދާނެއެވެ.
މިއީ މިދިޔަ އޭޕްރީލް 9 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢެކެވެ. 144.5 މިލިއަން ރުފިޔާގެ މި މަޝްރޫޢު 455 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން، ދުވާރު އަދި ފެން ހިންދާ ނިޒާމު ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭނެއެވެ.

