މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ޖާގަ ދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ،
މި އުފާވެރި ޚަބަރު ރައްޔިތުންނާ ހިއްސާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި އަހަރުގެ ހައްޖު ކޯޓާގެ ތަފްޞީލު މި މަހުގެ 26 ވަނަ ދުވަހު އިޢުލާނު ކުރާނެއެވެ.
މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކިއުގައި ޖެހިފައި ތިބި އެންމެހާ ފަރާތްތަކަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރެވެ. ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުންކުރާ ގޮތުގެ ތަފްޞީލް މިނިސްޓްރީން ދަނީ ހާމަކުރަމުންނެވެ.
ސަރުކާރުން ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަކޮށް، ވީހާވެސް ހެޔޮ އަގެއްގައި ދިވެހީންނަށް ހައްޖަށް ދެވޭނެ މަގު ފަހިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން، ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ކޯޓާ ދޫކުރުން ހުއްޓާލައި، ހައްޖަށް މީހުން ގެންދާ ހަމައެކަނި ކުންފުނީގެ ގޮތުގައި ހައްޖު ކޯޕަރޭޝަން ހަމަޖައްސާފައިވަނީ ވެސް މި މަޤްޞަދުގައެވެ.
މި ބަދަލާއެކު، ގިނަ ދިވެހި ޙާޖީންނަށް ފަސޭހަ އަގެއްގައި އަދި ރަނގަޅު ޚިދުމަތްތަކާއެކު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

