ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ހަދަން ފަށައި ނުނިމި ހުރި ސިޓީ ހޮޓަލުގެ ބަދަލުގައި އެ ކުންފުންޏަށް ހުޅުމާލޭ ފޭސް 3 އިން 40،000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހޮޓަލުގެ ބަދަލުގައި ބިން ހަމަޖެހުނު ކަމުގެ ސިޓީ އެޗްޑީސީގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގާނޫނީ ގޮތުން ކަންކަން ނިންމުމުގެ މަރުހަލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2011 ވަނަ އަހަރު އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި ހޮޓަލާ ގުޅޭ ގޮތުން ކޮންމެ އަހަރެއްގެ ވެސް އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ސުވާލުކުރަމުން އައި އެވެ. އެސްޓީއޯ އިން މީގެ ކުރިން ވަނީ އެ ހޮޓާ ވިއްކާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެސްޓީއޯ އިން އެ ހޮޓެލް އެޗްޑީސީ އަށް ދޫކޮށްލުމާ އެކު، އެ ކުންފުނިން މިހާރު ވަނީ އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، “މެންހަޓަން ގްރޭންޑް ހޮޓެލް” ގެ ނަމުގައި ހިންގުމަށް “ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް” އާ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި ހޮޓަލަކީ ފަސްތަރީގެ 158 ކޮޓަރީގެ ހޮޓަލެކެވެ.
މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ޚާއްސަކުރެވޭ އޭރިއާގައި މީޑިއާ ވިލެޖް، ޔޫތު ސެންޓަރު (އީ-ސްޕޯޓްސް)، ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގައި 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓް ހިމެނޭއިރު، އެ އިންވެސްޓްމަންޓް ގެންނަނީ ޔޫއޭއީގެ “ޑީޕް ސީފުޑް ކޮމްޕެނީ” އިންނެވެ.

