މިދުވަސްވަރު ރާއްޖޭގައި ރޯގާއާއި ހުން ފެތުރެމުންދާ ކަމަށް ފާހަގަކުރައްވައި، ކުދިން ބަލިވެއްޖެނަމަ ސްކޫލަށް ނުފޮނުވުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އިރުޝާދު ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވެފައިވަނީ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން އަތްދޮވުމާއި، ބަލި ކުދިން ސްކޫލަށް ނުފޮނުވުމާއި، ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ބަންދުކުރުމާއި، އަދި ގިނަގިނައިން ދިޔަތަކެތި ބޭނުންކުރުން ހިމެނޭ ކަމަށެވެ.
“މިފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ދުވަސްވީ މީހުން މިފަދަ ބަލިތަކުން ރައްކާތެރިކުރުމަށް އަޅުގަނޑުމެން އެންމެން ސަމާލުކަން ދޭންޖެހޭ،” ޑރ. ފައިސަލް ވިދާޅުވިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މާރިޗް މަހާ އަޅާބަލާއިރު އޭޕްރިލް މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ 54 އިންސައްތަ އިތުރުވެފައެވެ. މިގޮތުން އޭޕްރިލް މަހު 127 މީހުންނަށް ޑެންގީ ޖެހިފައިވާއިރު، މާރިޗް މަހު މި ބަލި ޖެހުނީ 73 މީހުންނަށެވެ.
ނަމަވެސް އަރިދަފުސް ރޯގާއަށް ބަލާއިރު، މާރިޗް މަހު 28،560 މީހުންނަށް މި ބަލި ޖެހުނުއިރު، އޭޕްރިލް މަހު މި އަދަދު ވަނީ 26،539 އަށް ދަށްވެފައެވެ. ޑރ. ފައިސަލް އިތުރަށް އިރުޝާދު ދެއްވާފައިވަނީ ރޯގާޖެހި ނޭވާލަން އުނދަގޫވާނަމަ ނުވަތަ ހުން އައިސް ތިން ދުވަސްވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށެވެ

