މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު އިއުލާން ކުރި ގޮތުގައި މޯލްޓާގެ ޔުނިވާސިޓީތަކުގެ 2025/2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ސްކޮލަޝިޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ހުޅުވާލައިފިއެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން މާސްޓާސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ސްކޮލަޝިޕްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 2 ގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
މިނިސްޓްރީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މިކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ދެ ކަމެއް ކަށަވަރު ކުރަން ޖެހޭނެއެވެ. އެއީ ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯއެވެ.
އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން އިތުރު ފިޔަވަޅެއްގެ ގޮތުން، ކަމާގުޅޭ އިދާރާތަކުން އެ ކޯހެއް ގަބޫލުކުރާކަން ކަށަވަރު ކުރަންޖެހޭނެއެވެ. މީގެ ތެރޭގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ އިދާރާތައް ހިމެނެއެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ.

