ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ނޯއެލް ގްރެގަރ ޕެޓަރސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ތާރީޚާ ހަމައަށް އޭނާއަށް ހައްގު މުސާރަ ދީފައިވާކަމުގެ ޔަގީންކަން އެ ބޭންކުން ދީފިއެވެ.
ޑީބީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިކަން ހާމަކޮށްފައިވަނީ، ޕެޓަރސަން ޖޯންސް އިސްތިއުފާ ދެއްވީ މުސާރަ އަދާނުކުރުމުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުންނެވެ. އެ ބޭންކުން ބުނީ އޭނާ އިސްތިއުފާ ދެއްވީ މުސާރަ އަދާނުކޮށްގެން ކަމުގައި ނުދެކޭ ކަމަށެވެ.
ޕެޓަރސަން ޖޯންސް މިދިޔަ މާޗު 20 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހެޅުއްވި އިސްތިއުފާ އެ ބޯޑުން ބަލައިގަނެ، އެކަން ޑީބީއެމްގެ ބޯޑާއި ޕެޓަރސަން ޖޯންސްއަށް މާޗު 23 ވަނަ ދުވަހު އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ޑީބީއެމްއިން ހާމަކުރި ގޮތުގައި، ޕެޓަރސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގެ މުސާރައާ ބެހޭގޮތުން އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ދަނީ ޑީބީއެމްގެ ގާނޫނީ ވަކީލުންގެ ޓީމަކުންނެވެ.
ޑީބީއެމްއިން އިތުރަށް ފާހަގަކޮށްފައިވަނީ، މި މައްސަލަ ފައިސަލާކުރުމުގައި އެ ބޭންކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ގާނޫނީ އިޖުރާއަތްތަކަށް އަމަލުކުރާނެ ކަމަށެވެ. އަދި ޕެޓަރސަން ޖޯންސް އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން ދިވެހިރާއްޖެ ދޫކޮށް ވަޑައިގެންފައިވާއިރު، އިސްތިއުފާ ހުށަހެޅުއްވުމަށްފަހު އެ ބޭންކުގެ ވަޒީފާގައި އެއްވެސް ދައުރެއް އަދާކޮށްފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

