ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ވިންޑޯ، ބީއެމްއެލް އިސްލާމިކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގ ހަމަޖައްސައިފިއެވެ.
މި ފައިނޭންސިންގގެ ދަށުން ތަރައްގީކުރާ ރިސޯޓަކީ 118 ކޮޓަރީގެ ފައިވް ސްޓަރ ރިސޯޓެކެވެ. މި ރިސޯޓް ތަރައްގީކުރަނީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި، މިހާރުވެސް ރާއްޖޭގައި 9 ރިސޯޓް ހިންގަމުންދާ ބައިނަލްއަގުވާމީ ކުންފުނި އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗަރ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑުންނެވެ.
މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ބީއެމްއެލް އިސްލާމިކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގގެ ދަށުން ދޫކުރި އެންމެ ފުރަތަމަ ލޯނުކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސްކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސްކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓަރގައި އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް،” ޝަރީފް ވިދާޅުވިއެވެ.
މި ފެސިލިޓީއާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ.

