ބ. ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރަމުންދާ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކުރަމުން ބުނެފައިވަނީ، ހިތަދޫ ބަނދަރު ބްރޭކްވޯޓާ އަދި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މަސައްކަތަށް ބޭނުންވާ ހިލަތަކުގެ ދެވަނަ ޝިޕްމަންޓް އެސަރަހައްދަށް ފޯރުކޮށްދީ، ބްރޭކްވޯޓާ ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
19.80 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން މި މަޝްރޫޢުގެ ދަށުން 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެއެވެ. މި މަޝްރޫޢަކީ ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

