އިހަވަންދިއްޕޮޅުގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން ހޯދަމުންދާ ކާމިޔާބަކީ އެ ދާއިރާގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝިމާދު ވިދާޅުވި ގޮތުގައި މިހާތަނަށް ބަންކަރިންގ ހިދުމަތުން 124 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ. މި އާމްދަނީ ލިބިފައިވަނީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެންނެވެ.
“އެސްޓީއޯއިން ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް ވެސް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދީފައި. އެ ބޯޓަށް 1200 ޓަނުގެ ތެޔޮ ވަނީ ވިއްކާފައި،” ޝިމާދު ވިދާޅުވިއެވެ. އަދި މިކަމުން ދައްކުވައިދެނީ ބައިނަލްއަގްވާމީ ބޮޑެތި ޝިޕިންގ ލައިންތަކުގެ އިތުބާރު އެސްޓީއޯއަށް ލިބިފައިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ކާމިޔާބީއާ ގުޅޭ ގޮތުން ވަޒީރު ސައީދު ވިދާޅުވީ، ސަރުކާރުން މި މުހިއްމު ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ބަންކަރިންގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއެކު މުހިއްމު މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
“އިގްތިސާދު ޑައިވާސިފައި ކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތް. މުޅީން އަލަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އެސްޓީއޯއިން ފެށި މި މަސައްކަތުގައި ހޯދަމުންދާ ކާމިޔާބަކީ މި ސިނާއަތުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް،” ސައީދު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، މި ހިދުމަތް ފަށާފައިވަނީ ބަންކަރިންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ބައިނަލްއަގުވާމީ ކުންފުނި ވިޓޯލްއާ ގުޅިގެން 2023 ވަނަ އަހަރުގެ މާޗް މަހުގައެވެ. އަދި މި ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ކޮންޓެއިނާ ޓާމިނަލެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

