ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރާ ޒަމާނީ އިމަރޖެންސީ ރޫމުގެ މަސައްކަތް ނިމި، މިހަފްތާގެ ތެރޭގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.
ދެ ލައްކައެއްހާ މީހުންގެ އާބާދީއަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުޅުމާލޭ ހޮސްޕިޓަލުގައި، މިހާތަނަށް އިމަރޖެންސީގެ ޚިދުމަތް ދެމުން އައީ އެންމެ 7 އެނދުގެ ވޯޑެއްގައެވެ. ނަމަވެސް އާ އިމަރޖެންސީ ރޫމުގައި 14 އެނދު ޤާއިމުކުރެވޭނެ ކަމަށާއި، މީގެ ތެރޭގައި ކްރިޓިކަލް ކެއަރގެ އެނދެއްވެސް ހިމެނޭ ކަމަށް ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވި ގޮތުގައި، އިމަރޖެންސީ ވޯޑުގެ އެނދުތައް މަދުވުމުގެ ސަބަބުން، ކުއްލި ފަރުވާއަށް އަންނަ ބައެއް ފަރާތްތައް އެހެން ހޮސްޕިޓަލުތަކަށް ފޮނުވާލަން ޖެހުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
“އަޅުގަނޑުމެން ގަސްތުކުރަނީ މިހަފްތާގެ ތެރޭގައި އީއާރްގެ މިމަސައްކަތް އެއްކޮށް ނިންމާ ޚިދުމަތްދޭން ފަށަން، މިހާރު އެނދުތައްވެސް ގެނެސް އެހެން ތަކެއްޗާއެކު އިންސްޓޯލްކުރުމަށް މިމަސައްކަތް ކުރަނީ” ކަލީމް ވިދާޅުވިއެވެ.
އިމަރޖެންސީ ރޫމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި އައު އިމަރޖެންސީ ރޫމުގެ ޚިދުމަތް ފެށުމުން، ހުޅުމާލޭގެ އާބާދީއަށް މިހާރަށްވުރެ ފުރިހަމަ ކުއްލި ފަރުވާގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

