ބ. ގޮއިދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު އެކި މީހުންނަށް މެސެޖުކޮށް އެއްޖިންސުން ގުޅުން ހިންގަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2025 މެއި 17 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގެ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، އެ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ އިންޑިއާއަށް ނިސްބަތްވާ، ގޮއިދޫ ސްކޫލުގެ އިނގިރޭސި މާއްދާ ކިޔަވައިދޭ ފިރިހެން ޓީޗަރަކަށެވެ. އޭނާ އެކި މީހުންނަށް މެސެޖުކޮށް، އޭނާ އުޅޭ ތަނަށް އައުމަށް ދަޢުވަތުދީ، ތަފާތު ވާހަކަތައް ދައްކާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތައް މިހާރު ވަނީ އިޖުތިމާޢީ މީޑިއާގައި ފެތުރިފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީން އަދި އެއްވެސް ބަހެއް ނުދެއްވައެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަކީ މިނިސްޓްރީގެ އާންމު އުސޫލެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

