ބޮޑުރަސްގެފާނު މަގުން ދިޔަ ޕިކަޕަކުން އެއްލާލި ތިން ކަޅު ކޮތަޅަކުން ފެނުނު 221 ކާޓަން އެމެރިކަން ލެޖެންޑް ސިނގިރޭޓާ ގުޅިގެން ހައްޔަރުކުރެވުނު ބަންގްލަދޭޝްގެ ތިން ރައްޔިތުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މެއި 4 ވަނަ ދުވަހުގެ ރޭ 11:30 އާއި ދެމެދުއެވެ. އެވަގުތު ބޮޑުރަސްގެފާނު މަގުގައި ދުއްވަމުންދިޔަ ޕިކަޕެއް ހުއްޓުވަން އުޅުނު އިރު، އެ އުޅަނދުން ތިން ކަޅު ކޮތަޅެއް މަގުމައްޗަށް އެއްލާލުމަށްފަހު ބިދޭސީންތަކެއް ވަނީ ފިލައިގެން ގޮސްފައެވެ. ފުލުހުން އެ ކޮތަޅުތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ގާނޫނާ ޚިލާފަށް އެތެރެކޮށްފައިވާކަމަށް ޝައްކުކުރެވޭ 221 ކާޓަން އެމެރިކަން ލެޖެންޑް ސިނގިރޭޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ތިން ބިދޭސީންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ފުރަތަމަ ކަނޑައެޅުނީ 10 ދުވަހެވެ. ނަމަވެސް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތިން މީހުންވެސް ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ވަގަށް ނަގާފައިވާ ސިނގިރޭޓް ގެންގުޅުނު ކަމަށް ވީނަމަވެސް، މި މީހުން ބަންދުގައި ހޭދަކުރި 10 ދުވަހުގެ ތެރޭގައި މިފަދަ ސިނގިރޭޓްތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވެއެވެ. އަދި މި ތިން މީހުންނަކީވެސް ގާނޫނީ ގޮތުން ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ކުށުގައި ބައިވެރިވި އެހެން ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެއެވެ. ތިން ބިދޭސީން ދޫކޮށްލާފައިވަނީ އެ މީހުންގެ ޕާސްޕޯޓްތައް ހިފެހެއްޓުމަށްފަހުގައެވެ.

