ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް ޙާއްސަކޮށްގެން މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ޓެސްޓްކޮށްފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމަވާފައިވާއިރު، މި ޚިދުމަތް ތަޢާރަފްކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް މިިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެވަޑައިގެންފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން 15 ޙައްޖުވެރިއަކު ޖިއްދާގެ އިމިގްރޭޝަނުން މި ޓެސްޓްކޮށް، ކާމިޔާބުކަމާއެކު މި ނިޒާމް ތަޖުރިބާ ކޮށްފައިވާކަމަށެވެ.
އަދި މިޚިދުމަތް މިމަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ފުރިހަމަކުރެވޭނެކަމަށެވެ. މިއާއެކު، ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ހަމަޖެހިގެންދާނެ ޚިދުމަތްތަކުގެ ތެރޭގައި؛
- ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބުން.
- ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބި، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
- ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
- އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ލިބުން.
- ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓަރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމްތައް ހަމަޖެހުން.
މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށްދާ މީހުން ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ފުރުމަށްވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި އަހަރަކީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއަރލައިނުގައި ޙައްޖަށް ދާ އަހަރެކެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢޫދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މުހިންމު އިނީޝިއޭޓިވްއެކެވެ.

