މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21) ގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ފަސް ދުވަހުގެ ބަންދު އަމުރެއް އިސްތިއުނާފް ކުރަން ރައުދުގެ ވަކީލު ހައި ކޯޓަށް ވަނީ ހުށަހަޅައިފައިވަނީ މައިގަނޑު ފަސް ސަބަބަކާއި ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ؛
- އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން
- ބަންދު މަޖިލީހުގައި އިންނެވި ގާޒީ ދެ ހަސްމުން އަމިއްލަ އަށް ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހުން
- ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ރައުދުގެ ބަންދު އިތުރު ކުރުމަށް ހުށަހެޅުން.
- ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ޚިލާފަށް މުއްދަތު ދިނުން
- އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުން
މި މައްސަލައިގައި ރައުދުގެ ބަންދުގެ މުއްދަތު މިހާރު ހަތަރު ފަހަރަށް އިތުރުކޮށްފައިވާއިރު، ފުރަތަމަ ބަންދަަށް 5 ދުވަސް ޖެހުމަށްފަހު، ދެވަނަ ފަހަރު 10 ދުވަސް، ތިންވަނަ ފަހަރު 5 ދުވަސް އަދި ހަތަރުވަނަ ފަހަރު 10 ދުވަހަށް ބަންދު ކުރުމަަަށް ކޯޓުން އަމުރުކޮށްފައި ވެއެވެ.
ރައުދު ހައްޔަރުކޮށްފައިމިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ 21 އަަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާއި ގުޅިގެންނެވެ. މި މައްސަލައިގައި ތުހުމަތުގައި ރައުދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

