ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުކޮށް، ކުޅިވަރު އެތުލީޓުންނަށް ފުރުޞަތުތައް ފަހިވާނޭހެން، ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް 1 ވަނަ އިޞްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2025، މެއި 05 ވަނަ ދުވަހުއެވެ.

ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް ތަޞްދީޤު ކުރެއްވުން… ފޮޓޯ ؛ރައީސްއޮފީސް
ކުޅިވަރު ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 05 މާރިޗު 2016 ގައެވެ. ސަރުކާރުގެ ފަރާތުން އިޞްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ.
ކުޅިވަރު ޤާނޫނަށް އިޞްލާހު ގެނައުމުގައި މިދިޔަ 18 މަސްދުވަހު ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ. އެގޮތުން އިޞްލާހު ގެނައުމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ބާރުވެރިކޮށް، ވަކި ޖިންސެއް ތަފާތުކުރުމެއްނެތި މުޅި ރާއްޖެ ޝާމިލްވާނޭހެން ފުރުޞަތު ފަހިކޮށްދިނުން. ކުޅިވަރު ޤާނޫނަށް އިޞްލާހު ގެނައުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި، ކުޅިވަރުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކުގެ ޚިޔާލާއި އެސޯސިއޭޝަންތަކުގެ ބައިވެރިވުން ވަނީ ހިމަނާފައެވެ.

