ގުޅިވަރުގެ ގާނޫނަށް ގެނައި އިޞްލާހާއެކު ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ އިދާރާއެކެވެ.
މީގެ ސަބަބުން، ޕެރަލިމްޕިކްގެ ވަކިވަކި އެސޯސިއޭޝަންތައް އުފައްދައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

ކުޅިވަރު ކުޅުންތެރިންނަށް ހަމަހަމަ އުޞޫލެއްގެ ތެރެއިން ޖިންސުގެ ތަފާތުކުރުމެއް ނެތި ބައިވެރިވުމުގެ ފުރުޞަތު މި ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ.
ޤާނޫނަށް ގެނައި ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ މެންބަރަކު، ކުޅިވަރުގެ ޤައުމީ މަޖިލީހުގައި އިންނަވާނެއެވެ.
ޤާނޫނުގެ ދަށުން "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އަށް ފުރިހަމަ ބާރުވެރިކަން ލިބި ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފަށާނެއެވެ. މީގެކުރިން އެޖެންސީގެ ޚިދުމަތްދިނީ ކުޅިވަރު ވުޒާރާގެ ޑެސްކަކުން ކަމަށްވާއިރު، މި ބަދަލަކީ ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގައި މުހިއްމު ބަދަލަކަށް ވާނެއެވެ.

