ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު އާބިޓްރޭޝަނެއް އުފައްދަން ނިންމައިފިއެވެ.
ކުޅިވަރުގައި ބޭއިންސާފުން ދިމާވާ ކަންކަމަށް ހައްލު ހޯދުމަށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކުޅިވަރު އާބިޓްރޭޝަން ޤާއިމްކޮށް ޢަމަލުކުރުމުގެ ބާރު ކުޅިވަރު ޤާނޫނުން ވަނީ ލިބިދީފައެވެ.
ރާއްޖޭގެ ކުޅިވަރު އޮނިގަނޑުގައި މީގެކުރިން އެފަދަ ކަންކަން ބަލައި އިންސާފު ހޯދޭނެ ނިޒާމެއް ނެތް ކަމުން އެފަދަ މައްސަލަތަކުގައި ހައްލު ހޯދުމަށް ރާއްޖޭން ބޭރުގެ އެހީތެރިކަން ދިވެހިން މީގެކުރިން ވަނީ ހޯދަން ޖެހިފައެވެ.
ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމާއި، ކުޅިވަރު ކްލަބްތަކާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި، ރެގިއުލޭޓްކުރުމުގައި ހުރި ޤާނޫނީ ފުށޫއެރުންތައް ހައްލުކުރުމުގެގޮތުން، އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ތަފްޞީލުކޮށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްއާއި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، ކުޅިވަރާބެހޭ ވަޒީރުގެ ދައުރާއި މަސްޢޫލިއްޔަތު ޤާނޫނުން އެކަށައެޅިއިރު ހުރި ތަޢާރުޒުތަކަށް މި ޤާނޫނުން ވާނީ ހައްލު ހޯދައިދީފައިއެވެ.

